Revision 119164 of "މަނަދޫ އަޙްމަދު ޢާޠިފް" on dvwiki{{delete}}
ފުލުހުންގެ ޚިދުމަތަކީ ޤައުމަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ޚިދުމަތެކެވެ. ޤައުމަށް ޚިދުމަތް ކުރުމުގެ ޝަޢުޤުވެރިކަންހުންނަ ވަރަށް ގިނަ ޒުވާނުން ޚިދުމަތްކުރަމުންދާ އެއް ދާއިރާއަކީ ފުލުހުންގެ ދާއިރާއެވެ. ފުލުހުންގެ ޚިދުމަތް ފުޅާވެ ރައްޔިތުންނާ ކައިރިން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް އެޅި އެތަންތަނުން ރައްޔިތުންނަށް ޚިދުމަތްދޭން ފެށުމުން ފުލުހުންގެ މުހިންމުކަން ރައްޔިތުންނަށް އިޙްސާސް ކުރެވެން ފެށިއެވެ. އަމިއްލަ ރަށާއި މައިންބަފައިންނާއި އަނބިދަރިންދޫކޮށް މާލޭގައި ވަޒީފާއަދާކުރަމުންދިޔަ ފުލުހުންގެ އެތައް ބަޔަކު މި ބަދަލާގުޅިގެން އެމީހެއްގެ އަތޮޅަށް ނުވަތަ ރަށަށް ބަދަލުވިއެވެ. އަނބިދަރިން ކައިރި ތިބެގެން ވަޒީފާއަދާކުރަން ފެށިއެވެ. އޭގެ ތެރެއިން އެކަކީ މިވަގުތު މަނަދޫ ޕޮލިސް ސްޓޭޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ކޯޕްރަލް އަޙްމަދު ޢާތިފެވެ. މިފަހަރު މަނަދޫ ލައިވްގެ މީހުންގެ ކޮލަމްގެ މެޙްމާނަކީ މަނަދޫ ފިތުރޯނުގޭ އަޙްމަދު ޢާޠިފެވެ.
ނ. އަތޮޅު މަދަރުސާއިންނާއި މާލޭ އިނގްލިޝް ސްކޫލްގެ ކެރިއަރ ގައިޑެންސްއިންވެސް ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ފުރަތަމަވެސް ޢާތިފު ކުރިމަތިލެއްވީ ޤައުމީ ޚިދުމަތަށެވެ. އޭރު ފުލުހުން މަސައްކަތް ކުރަމުން ދިޔައީ ސިފައިންނާއެކު އެއްބައެއްގެ ގޮތުގައެވެ. ސިފައިންނާއި ފުލުހުން ވަކިވުމުގެ ކުރިންވެސް ފުލުހުންގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދެވި އަޙްމަދު ޢާތިފުވަނީ ފުލުހުންގެ ޚިދުމަތުގައި 10 އަހަރު ހޭދަކުރައްވާފައެވެ.
" އަޅުގަނޑުގެ ފުރަތަމަވެސް ޢަޒުމަކަށްވީ ޤައުމަށް ޚިދުމަތް ކުރުން. ފުލުހުންގެ ދާއިރާއަކީ އަޅުގަނޑު ވަރަށް ޝަޢުޤުވެރިދާއިރާއަކަށް ވެގެންދިޔައީ. މިދާއިރާގައި ކޮންމެ ދުވަހަކީވެސް އާކަންތައްތަކެއް ތަޖުރިބާ ކުރެވޭ ދުވަހެއް " ފުލުހުންގެ ޤާނޫނީ އިންވެސްޓިގޭޝަން އޮފިސަރ ކޯހާއި ސްޕަވައިޒަރީ އިންވެސްޓިގޭޝަން ކޯސް ފުރިހަމަ ކުރައްވާފައިވާ އާތިފު ވިދާޅުވިއެވެ.
އާތިފަކީ ވަރަށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. މަނަދޫ ފުޓްބޯޅަ ޓީމެއް ކަމަށްވާ " އޯލްފޯވަން " އުފެއްދުމުގައި އާތިފުގެ ހިއްސާ ކުޑައެއްނޫނެވެ. ފުޓްބޯޅަ ދަނޑުން އެޓީމު ހޯދި ކޮންމެ ކާމިޔާބެއްގައި އޭނާ ބައިވެރިވެފައިވެއެވެ. ހުނަރުވެރި މިޑްފިލްޑަރ ދަނޑުމަތިން ނުފެންނަންފެށީ ކަކުލުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރުވެސް އާތިފަކީ ފުޓްބޯޅައަށް ލޯބިކޮށް ފުޓްބޯޅަ ދިރުވާ އާލާކުރުމަށް މަސައްކަތްކުރާ ޒުވާނެކެވެ. މީގެ ހެއްކަކަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ކޮންމެ އަހަރަކު އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ފާހަގަކޮށްލެވެއެވެ. އަދި މަނަދޫގައި ބާއްވާ ކޮންމެ ފުޓްބޯޅަ މުބާރާތެއްވެސް ރާވާ ހިންގުމުގައި ތަފާތު ގޮތްގޮތުން އެހީތެރިކަންދީ އެއްބާރުލުންދޭ އެއްފަރާތަކީ މަނަދޫ ޕޮލިސް ސްޓޭޝަންކަމަށްވާއިރު، އާތިފުގެ ހިއްސާ ފާހަގަކޮށްލެވެއެވެ.
" ޙަޤީޤަތުގައި މިތަނުން ( މަނަދޫ ޕޮލިސް ސްޓޭޝަނުން ) މިކުރާ ކަންތައްތަކަކީ މިތަނުގެ ހުރިހާ ފުލުހުންނާއި އެހެން މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޓީމު ވޯކާއެކު ކުރެވޭ ކަންތައްތައް. އަޅުގަނޑަކީވެސް އޭގެ ތެރެއިން އެކަކު. " އާތިފު ވިދާޅުވިއެވެ.
އާތިފު ވިދާޅުވި ގޮތުގައި އޭނާގެ ޙަޔާތުގައި އެންމެ އުފާވި ދުވަހަކީ 2001 ވަނަ އަހަރު ޕޮލިސް ހެޑްކްއޯޓަރޒްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މީހަކަށް އޭނާ ހޮވުނު ދުވަހެވެ. އެތައް ބަޔަކު ޚިދުމަތް ކުރަމުންދާ މުއައްސަސާއަކުން އެފަދަ ކާމިޔާބެއް ލިބުމަކީ ޙަޤީޤަތުގައިވެސް ކުޑަކަމެއް ނޫނެވެ.
" އަޅުގަނޑަކީ ކުރާ ކޮންމެ ކަމެއް އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް އިޚްލާޞްތެރިކަމާއެކު ކުރެވޭތޯ ބަލާ މީހެއް. އަޅުގަނޑުގެ ފިކުރު އަބަދުވެސް ބެހެއްޓޭތޯ މަސައްކަތް ކުރަނީ ފުލުހުންގެ ޚިދުމަތަށް " ނ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލުކުރި ދުވަސްވަރު ޕްރިފެކްޓްކަންކޮށްފައިވާ އާތިފު ވިދާޅުވިއެވެ. އާތިފަށް އެންމެ މީރު ކެއުމަކީ ނޫޑްލްސް އެވެ. އެންމެ މީރު ބުއިމަކީ ކޮކާކޯލާއެވެ. އެންމެ މަޤްބޫލު ޝަހުސިއްޔަތަކީ ކާކުތޯ ސުވާލުކުރަން ފެށުމުން ސުވާލު ނުނިމެނީސް އާތިފު ޖަވާބުދިނެވެ. " ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީޙް "
ފުލުހުން އެމީހުންގެ އަމިއްލަ ރަށުގައި ވަޒީފާއަދާކުރުމަކީ ބައެއް މީހުން ދެކޭގޮތުގައި މައްސަލައެކެވެ. އެކަމަކު އާތިފު ދެކޭގޮތް މުޅިން ތަފާތެވެ. " އެއީ އެއްވެސް މައްސަލައެއްނޫން. އެތަނެއްގައި ހުރި މައްސަލަތަކާއި މުޖްތަމަޢެއްގައި ހުރި ރަނގަޅު ކަންތައްތައްވެސް ބޮޑަށް އެނގޭނީ އެތަނެއްގެ ބަޔަކަށް. ޤާނޫނު ތަންފީޒު ކުރުމަކީ އެމީހާ ވަޒީފާއަދާކުރާ ތަނެއްގެ ސަބަބުން ބަދަލުވާނެ ކަމެއްނޫން. އެކަމުގައި އެއްވެސް ގޮންޖެހުމެއްނެތް. އެކަން އެގިވަޑައިގަންނަވާނެ ހަމައެކަނި މަނަދޫ ޕޮލިސް ސްޓޭޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އެކަނި ބައްލަވާލެއްވިޔަސް " ދޮޅުއަހަރެއްހާ ދުވަހު އަމިއްލަ ރަށުގައި ވަޒީފާ އަދާކޮށްފައިވާ ދެކުދިންގެ ބައްޕަ ވިދާޅުވިއެވެ. އާތިފުގެ އާއިލާއާއެކު އޭނާ ދިރިއުޅެމުންދަނީ އުފަން ރަށުގައެވެ. އަންހެނުންނާއި ކުދިންނާއި އާތިފުގެ މަންމައާއި ބައްޕައާވެސް އެކުގައެވެ. އާތިފު ވިދާޅުވި ގޮތުގައި އޭނާގެ އުފާވެރި ކާމިޔާބު ދިރިއުޅުމުގެ ފަހަތުގައި ތިބީ އޭނާގެ އާއިލާގެ މެންބަރުންނެވެ. ދެން އޭނާގެ ވެރިންނެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ޚިދުމަތުގައި ރާއްޖެއަށް މުޅިން އާ ކަންތައްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ތެރެއިން އެއްކަމަކީ ފުލުހުން ރަށްރަށުގައި ޤުރުއާން މުބާރާތް ހިންގުމެވެ. ޕޮލިސް ސްޓޭޝަނަކުން ފުރަތަމަ ޤުރުއާން މުބާރާތެއް ބޭއްވީ މަނަދޫ ޕޮލިސް ސްޓޭޝަނުންނެވެ. ހަމައެއާއެކު މަނަދޫ ޕޮލިސް ސްޓޭޝަނުން ގެދޮރުނެތި ދިރިއުޅޭ ނިކަމެތިންނަށް ބޯހިޔާވަކިކަން ހޯދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަންޖެހެނީ ވަރަށް އާދަޔާޚިލާފު ކަމެއްގެ ގޮތުގައެވެ. މި މަސައްކަތުން ނިކަމެތި އަންހެނަކަށާއި ދުވަސްވީ ފިރިހެނަކަށް ވަނީ ދެޕާޓްމަންޓް ވަރަށް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވުމަށްފަހު ހަވާލުކުރައްވާފައެވެ. ޤުރުއާން މުބާރާތް މެދުނުކެނޑި ކޮންމެ އަހަރަކު ބޭއްވުމުގެ އިތުރުން ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލިސް ސްޓޭޝަނުން ކޮށްފައިވާ ބުރަ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވި އެއްބޭފުޅަކީ އާތިފެވެ.
" ކޮންމެ ކަމެއްވެސް ކުރެވޭނީ ވަރުގަދަ އަޒުމަކާއެކު އެކަމަކަށް ކުރިމަތިލައިގެން. ޤުރުއާން މުބާރާތާއި ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކަކީ ޕޮލިސް ސްޓޭޝަންގެ ހުރިހާ މުވައްޒަފުންގެ ހިތްވަރާއި އަޒުމް. އެކަންތައްތައް އަޅުގަނޑުމެން ކޮށްފައިއެވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު " މިވަގުތު މަނަދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން ވެލިދޫ ޕޮލިސް ސްޓޭޝަން ހިންގެވުމާވެސް ޙަވާލުވެ ހުންނެވި އާތިފު ވިދާޅުވިއެވެ.
އާޠިފްވަނީ ފުލުހެއްގެ އިތުރުން މަނަދޫގެ ތަރައްޤީއަށް ހާއްސަކޮށް ތަޢުލީމަށް ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ފާއިތުވި ދެއަހަރު އަތޮޅު މަދަރުސާގެ ޕީޓީއޭގެ ނައިބްރައީސް ކަމާއި ހުސްވިއަހަރު ސްކޫލް ބޯޑްގެ މެމްބަރުކަން އާޠިފްވަނީ ކޮށްދެއްވާ ސްކޫލުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިއެވެ. އަތޮޅު މަދަރުސާ ތަޢުލީމީގޮތުން ހޯދި އެންމެ ކާމިޔާބު ނަތީޖާ ހުސްވިއަހަރު ހޯދިއިރު އެސްކޫލްގެ ޕީ.ޓީ.އޭގެ ނައިބްރައީސްގެ ގޮތުގައި ހުންނެވީ އަޙްމަދު އާޠިފްއެވެ.
ނ. އަތޮޅުގައި ތަފާތު ގިނަ ކާމިޔާބު އޮޕަރޭޝަންތައް އާތިފު އިސްވެ ހުންނަވައިގެންވަނީ ހިންގަވާފައެވެ. އޭގެ ތެރޭގައި މާލެއިން ރަށްރަށަށް އެތެރެކުރާ މަސްތުވާ ތަކެތި އަތުލައިގަތުމާއި ކަނޑުމަތީގެ ހާދިސާތަކާގުޅިގެން ހިންގާފައިވާ އޮޕަރޭޝަންތަކުގެ އިތުރުން ވައްކަމާއި މާރާމާރީގެ މައްސަލަތަކާގުޅިގެން ހިންގާފައިވާ އޮޕަރޭޝަންތައްވެސް ފާހަގަކުރެވެއެވެ. އޭގެ ތެރެއިންވެސް އޭނާ އެއްކަމެއް ފާހަގަ ކުރެއްވިއެވެ. " އަޅުގަނޑު ފާހަގަކޮށްލަން މަނަދޫ ޕޯސްޓް އޮފީހުގެ ތިޖޫރި ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލަ. މިއިން ކޮންމެ އޮޕަރޭޝަނެއްވެސް ކާމިޔާބު ކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ދަނީ ލިބެމުން. އެކަމަށްޓަކައި މިފުރުސަތުގައި ޝުކުރު އަދާކުރަން " ނ. އަތޮޅުގެ އިތުރުން އެހެން ބައެއް އަތޮޅުތަކުގައިވެސް މަސައްކަތް ކުރައްވާފައިވާ އާތިފު ވިދާޅުވިއެވެ. އާތިފަކީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރެއްވި ނަމަވެސް ޝަޢުޤުވެރިކަން ހުންނަ ކަންތައްތައް މުޅިން ދޫކޮށްލާހިތްވާ ޒުވާނެއް ނޫނެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން އާންމުކޮށް ނެރެމުންދާ މަޖައްލާ " ޕޮލިސްލައިފް" އަށް އާތިފު ގެންދަވަނީ ލިޔުއްވަމުންނެވެ. އާތިފު ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް އެންމެ ދާހިތްވަނީ މާތްވެގެންވާ ޙަރަމްފުޅަށެވެ. " މައްކާއަށްގޮސް ގެފުޅު ހަމަލޮލުން ދެކި، ހައްޖާ ޢުމުރާގެ މަތިވެރި އަޅުކަން ކުރެވޭނެ ދުވަހަކަށް އަބަދުވެސް އުންމީދުކުރެވޭ " ޒުވާނުންނާއި އެކިއުމުރުގެ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ އާތިފު ވިދާޅުވިއެވެ. " މުސްތަޤްބަލު އޮތީ ކިހިނެއް؟ " ފަހު ސުވާލެއްގެ ގޮތުގައި އަޅުގަނޑު އަހާލީމެވެ. " އަޅުގަނޑު މިހުރީ ފުރަތަމަ ފުލުހުންގެ ޚިދުމަތަށް ވަން ދުވަހުވެސް ކަނޑައެޅި އަޒުމުގަ. ޤައުމަށް ޚިދުމަތް ކުރުމުގައި އިރާދަކުރެއްވިއްޔާ ދެމިހުންނާނީ " އާތިފު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީވެސް ޤައުމަށް ޚިދުމަތް ކުރުމުގެ އަޒުމުގައެވެ. އަދިވެސް އޭނާ ހުރީ އެ އަޒުމުގައެވެ.
ޤަޢުމަށް ޚިދުމަތްކުރުމުގެ އަޒުމުގައި އާޠިފް ހުރިކަން ފެނިގެން ދިޔައީ ފުލުހުންގެ 77 ވަނައަހަރީ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން މަނަދޫ ޕޮލިސް ސްޓޭޝަން ހޯދި ފަހުރުވެރި އެވޯޑް އާތިފް އުފުލާލުމުންނެވެ. މިހާތަނަށް އެއްވެސް ޕޮލިސް ސްޓޭޝަނަކަށް ލިބިފައިނުވާ އެވޯޑް އާޠިފް އުފުލާލީ ސްޓޭޝަނުގެ އިންޗާރޖުގެ ހައިސިއްޔަތުންނެވެ. އާޠިފް ބުނީ މިއީ މުޅި ސްޓޭޝަނުގެ ހުރިހާ މުވައްޒަފުންގެ ބުރަމަސައްކަތްކަމަށާއި ލިބުނު ކާމިޔާބީ ދަމަހައްޓަން ހުރިހާ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނެކަމަށެވެ.
މަރުޖިޢު: މަނަދޫލައިވް.ކޮމް.އެމްވީ
wwww.manadhoolive.com.mv
[[Category:Biography]]
[[Category:މަނަދޫ (ނ. އަތޮޅު)]]
--[[މެމްބަރު:Allosaeed|Allosaeed]] 05:28, 24 ޑިސެމްބަރު 2011 (UTC)All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://dv.wikipedia.org/w/index.php?oldid=119164.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|